މެންޗެސްޓާ ސިޓީ އާއި ނޯވޭގެ ފޯވާޑް އާލިން ހާލަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވެ މިދިޔަ އަހަރު ފީފާ އިން ހޮވި މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިއޮނެލް މެސީ އަށް ލިބިއްޖެ އެވެ.
އާޖެންޓީނާ އާއި އިންޓަ މަޔާމީގެ ފޯވާޑަށް މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުނީ 19 ޑިސެމްބަރު 2022 އިން 20 އޮގަސްޓް 2023 ގެ ނިޔަލަށް ދެއްކި ކުޅުމަށް ބަލައިގެންނެވެ.
ޕޮއިންޓުގެ ގޮތުން ދެ ކުޅުންތެރިން އެއްވަރުވުމުން މެސީ އަށް އެވޯޑް ލިބުނީ ގައުމީ ޓީމުތަކުގެ ކެޕްޓަނުން މެސީ އެއް ވަނަ މަގާމްގައި ގިނައިން ނޮމިނޭޓް ކުރުމުންނެވެ. ތިން ވަނަ ލިބުނީ ކިލިއަން އެމްބާޕޭ އަށެވެ.
ފީފާ އެވޯޑަށް ވޯޓްދެނީ ގައުމީ ޓީމުތަކުގެ ކޯޗުންނާއި ކެޕްޓަނުންގެ އިތުރުން ކުޅިވަރު ޖާނަލިސްޓުން އަދި ފީފާގެ ވެބްސައިޓްގައި ރަޖިސްޓާ ކޮށްފައިވާ ފުޓްބޯޅަ ސަޕޯޓަރުންނެވެ. ކޮންމެ ކެޓަގަރީއަކަށް ލިބެނީ 25 އިންސައްތަ ވޯޓެވެ.
މެސީ އަށް ވޯޓް ދިން ކެޕްޓަނުންގެ ތެރޭގައި ހެރީ ކޭން، ކިލިއަން އެމްބާޕޭ، މުހައްމަދު ސަލާހް، އެންޑީ ރޮބާޓްސަން، އާރޮން ރަމްސީ، ލޫކަ މޮޑްރިޗް ހިމެނެ އެވެ. ޖަރުމަނުގެ އިލްކާއީ ގުންޑޮގާން އާއި ބްރެޒިލްގެ ކަސެމީރޯ އަދި މެސީ ވޯޓްދިނީ ހާލަންޑަށެވެ.
ފީފާ އެވޯޑް 2016 ވަނަ އަހަރު ދޭންފެށި ފަހުން މެސީ ވަނީ ތިން ފަހަރު އެވޯޑް ހާސިލްކޮށްފަ އެވެ. އެއީ 2019، 2022 އަދި މިއަހަރެވެ.

މިދިޔަ ސީޒަނުގައި ޕީއެސްޖީއާ އެކު ފްރެންޗް ލީގު ކާމިޔާބު ކުރިއިރު މެސީ ވަނީ ނުވަ ގޯލު ޖަހައިފަ އެވެ. އޭގެފަހުން އެމެރިކާގެ އިންޓަ މަޔާމީ އަށް ބަދަލުވެ ހަތް މެޗުގައި 10 ގޯލު ޖެހި އެވެ.
ހާލަންޑް ވަނީ މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި 36 ގޯލު ޖަހައި މުޅި ސީޒަނުގެ ހުރިހާ މުބާރާތެއްގައި 52 ގޯލު ޖަހައިފަ އެވެ. ފީފާ އެވޯޑް ގުނި ތާރީހުގެ ނިޔަލަށް ހާލަންޑް 30 ގޯލު ޖެހި އެވެ. އަދި، މިދިޔަ ސީޒަނުގައި ސިޓީއާ އެކު އިނގިރޭސި ޕްރިމިއާ ލީގާއި ޔޫއެފާ ޗެމްޕިއަންސް ލީގު އަދި އިނގިރޭސި އެފްއޭ ކަޕް ހާލަންޑް ކާމިޔާބުކުރި އެވެ.
އެވޯޑް ގުނި މުއްދަތުގައި އެމްބާޕޭ ވަނީ ޕީއެސްޖީ އަށް 18 ގޯލު ޖަހައިފަ އެވެ. މިދިޔަ ސީޒަނުގައި ފްރެންޗް ލީގު ކާމިޔާބުކޮށް ލީގުގެ އެންމެ ގިނަ ގޯލު ޖެހީ ވެސް އެމްބާޕޭ އެވެ.
އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދީ ސްޕެއިންގެ އައިޓާނާ ބޮންމަޓީ އެވެ.
ރޭގެ ހަފްލާގައި އެންމެ މޮޅު ފިރިހެން ގޯލްކީޕަރުގެ މަގާމް ހޯދީ މެންޗެސްޓާ ސިޓީ އާއި ބްރެޒިލްގެ ގޯލްކީޕަރު އެޑަސަން އެވެ. އަންހެން ގޯލްކީޕަރަށް ހޮވުނީ އިންގްލެންޑުގެ މޭރީ އާޕްސް އެވެ.
ފީފާގެ އެންމެ މޮޅު ފިރިހެން ކޯޗުގެ މަގާމް ހޯދީ މެންޗެސްޓާ ސިޓީ އަށް މިދިޔަ ސީޒަނުގައި ތިން ތަށި ކާމިޔާބުކޮށްދިން ކޯޗު ޕެޕް ގާޑިއޯލާ އެވެ. އެންމެ މޮޅު އަންހެން ކޯޗުގެ މަގާމް ލިބުނީ އިންގްލެންޑުގެ ސެރީނާ ވިއެމަން އަށެވެ.
ފީފާގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ރެއާލް މެޑްރިޑްގެ ގޯލްކީޕަރު ތިބައު ކޯޓުއާ، ސިޓީގެ ތިން ޑިފެންޑަރުން ކަމަށްވާ ޖޯން ސްޓޯންސް، ކައިލް ވޯކާ، ރުބެން ޑިއާސް، ސިޓިގެ ބެނާޑޯ ސިލްވާ، ކެވިން ޑި ބްރޭނާ، ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ޖޫޑް ބެލިންހަމް، އާލިން ހާލަންޑް، ކިލިއަން އެމްބާޕޭ، ލިއޮނެލް މެސީ އަދި ވިނީޝިއުސް ޖޫނިއާ އެވެ.
ފެއާޕްލޭ އެވޯޑް ލިބުނީ ނަސްލީ ތަފާތުކުރުމާ ދެކޮޅަށް މެޗެއް ކުޅުނު ބްރެޒިލް ގައުމީ ފުޓްބޯޅަ ޓީމަށެވެ. މިދިޔަ އަހަރު ރެއާލް މެޑްރިޑްގެ ބްރެޒިލް ތަރި ވިނީޝިއުސް އަށް ސްޕެއިން ލީގުގައި ދިމާވި ނަސްލީ ތަފާތުކުރުމާއި ގުޅިގެން ބްރެޒިލްގެ ގައުމީ ޓީމުން ވަނީ އެޓީމު އާއްމުކޮށް ބޭނުންކުރާ ރީނދޫ ޖާޒީގެ ބަދަލުގައި ކަޅު ޖާޒީ ލައިގެން މެޗެއް ކުޅެފަ އެވެ.
އެންމެ މޮޅު ގޯލަށް ދޭ ޕުސްކަސް އެވޯޑް ހޯދީ ބްރެޒިލް ދެ ވަނަ ޑިވިޝަނުގެ ބޮޓަފޯގޯ އަށް ކުޅޭ ގިލެމޭ މަރޫގާ އަށެވެ. އުމުރުން 23 އަހަރުގެ މަރޫގާ އަށް އެވޯޑް ލިބުނީ ދެ ވަނަ ޑިވިޝަނުގައި ނޮވޯރިޒޮންޓީނޯ ކޮޅަށް ޖެހި އޯވަހެޑް ގޯލަށެވެ.
ފީފާ އެވޯޑް ހަފްލާގައި ރޭ މެސީ، ހާލަންޑް އަދި އެމްބާޕޭ ވެސް ބައިވެރިވެފައެއްނުވެ އެވެ. އެހެންވެ މެސީގެ އެވޯޑާ ހަވާލުވީ ޝޯ ހޯސްޓްކުރި ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ތިއަރީ އޮންރީ އެވެ.